ރައީސް ޑރ. މުހައްމަދު މުއިއްޒު، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ސާނީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި، އިޒްރޭލުން ޤަޠަރަށް ދިން ހަމަލާގައި މަރުވި ފަރާތްތަކަށް ރައީސް ތަޢުޒިޔާ ދަންނަވައި، ޤަޠަރުގެ ސިޔާދަތަށް އަރައިގަތުން ކުށްވެރިކުރައްވައިފި އެވެ. އަދި ސަރަޙައްދީ ސުލްޙަ އަދި ހަމަޖެހުން ދެމެހެއްޓުމަށް ޤަޠަރުން ކުރާ މަސައްކަތަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ދެ ޤައުމުގެ މަޞްލަޙަތު އެކުލެވޭ ގިނަ ދާއިރާތަކެއްގައި ދެފަރާތުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމުގެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި މި ބައްދަލުކުރެއްވުމުގައި، ކުއްލި އަރަބި-އިސްލާމީ ސަމިޓް ބޭއްވުމުގައި ޤަޠަރުގެ ލީޑަރޝިޕް ރައީސް މުއިއްޒު ތަޢުރީފުކުރައްވައިފި އެވެ. އަދި ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤަޠަރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައިފި އެވެ.
ރައީސް މުއިއްޒު ޤަޠަރަށް ވަޑައިގެންފައިވަނީ، ޤަޠަރުގެ ވެރިރަށް ދޯހާއަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން މިއަދު ބޭއްވޭ އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މި ސަމިޓްގައި ރައީސް މުއިއްޒު ބަޔާނެއް ދެއްވާނެއެވެ..