އިޒުރޭލުން ގަތަރަށް ދިން ހަމަލާއަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުމެއް ކަމަށާއި، އެއީ އަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި އަރަބި-އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޒުރޭލުން ގަތަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، “ޣައްޒާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގައި މުހިއްމު މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރަށް ދޭން ޖެހޭނީ ހަމަލާ ނޫން” ކަމަށެވެ. އަދި އިޒުރޭލުން މަސައްކަތްކުރަނީ ސުލްހައަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި ސަރަހައްދީ ހަމަޖެހުމަށް ލޮޅުން އެރުވުމަށް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.
“އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނެ. ގަތަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނެ،” ރައީސް ވިދާޅުވިއެވެ.
އިޒުރޭލުން ހިންގާ އަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުސަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަގްވާމީ ގާނޫނު ހިންގަންވާނީ ހުރިހާ ދައުލަތެއްގެ މައްޗަށްވެސް ހަމަހަމަ ގޮތެއްގައި ކަމަށް ރައީސް މުއިއްޒު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް ގޮވާލައްވާފައިވެއެވެ.