ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިސްވެރިން، ޗައިނާގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބީ.ޔޫ.ސީ.ޖީ އާއެކު މުހިންމު މަޝްވަރާތަކެއް ފަށައިފިއެވެ.
މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ކުރިމަގުގައި އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި، އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރިއެވެ.
ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން ވަނީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގައި ހުރި ކުރިއެރުމުގެ ފުރުސަތުތަކާއި، މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ. ޚާއްސަކޮށް ވައިގެ ދަތުރުފަތުރާއި، ކަނޑު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ބީ.ޔޫ.ސީ.ޖީގެ ފަރާތުން ވަނީ އެ ކުންފުނީގެ މަސައްކަތުގެ ތަޖުރިބާއާއި، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވެދެވިދާނެ ގޮތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.
ބީ.ޔޫ.ސީ.ޖީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެއަރޕޯޓްތަކާއި، މަގުތައް އަދި އެހެނިހެން ބޮޑެތި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ފާހަގަކޮށްލެވޭ ތަޖުރިބާއެއް ލިބިފައިވާ ކުންފުންޏެކެވެ.