އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމްގެ ދަށުން އަރިއަތޮޅު އުތުރުބުރީ މަތިވެރި އަދި ފެރިދޫގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް، އެ ގޭބިސީތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮިސްފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕްކޮށް، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އިޖުތިމާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، އަރިއަތޮޅު އުތުރުބުރީގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި މިހާތަނަށް ވަނީ ރަސްދޫ، އުކުޅަސް އަދި ތޮއްޑޫގެ ގޭބިސީތަކަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އެހީތެރިކަމާއެކުގައެވެ.
“ޙާލު ކިހިނެއް؟” ޕްރޮގްރާމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމަށް ވުޒާރާއިން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދެނެގަންނަ ފަރާތްތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.