ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ސްރީ ލަންކާގެ މަސްބޯޓެއް 400،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ހުކުމްކޮށްފި އެވެ.
ޖޫރިމަނާކުރި ބޯޓަކީ “އަނުސްކާ ޑެސްހަން” ނަމަކަށް ކިޔާ ލަންކާގެ މަސްބޯޓެކެވެ. މި ބޯޓް 2022 ވަނަ އަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީންނެވެ. އެއީ މ. މުލީގެ އިރުން 79 ނޯޓިކަލް މޭލު ދުރުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީގެ ނަމުގައި ދައުލަތުން އެ ބޯޓުގެ ވެރިފަރާތް ކަމުގައިވާ ފަލަހަގެ ރަންޖިތު ޕްރެކުމާރާ ސިލްވާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލި އެވެ. އަދި ކޯޓުން ކުރި ހުކުމުގައި 14 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އަންގާފައިވެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަވައްޓެރި ގައުމުތަކުގެ މަސްބޯޓުތައް ވަދެ، ވަގަށް މަސްވެރިކަން ކުރުމަކީ އާންމު ކަމަކަށްވެފައިވާ އިރު، މިފަދަ އެތައް ބޯޓެއް މީގެ ކުރިން ވެސް ވަނީ އަތުލައިގަނެ، ޖޫރިމަނާކޮށް، ދައުލަތަށް ނަގާފައެވެ.