މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް މީހުންގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ޗެކް ބައުންސްވެ، ފައިސާ ނުދެއްކި ޓިކެޓްތައް ކެންސަލްވި މައްސަލައިގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވެއްޖެއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ފާރިޝްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ރިޓާން ޓިކެޓުގެ ބުކިން ހެދުމަށްފަހު، އެ ޓިކެޓްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ މައްސަލައިގައެވެ. އޭނާ ދޫކުރި ދެ ޗެކެއްގައިވާ ޖުމްލަ 546,176 ރުފިޔާ ބޭންކުން ނުނެގި ބައުންސްވެފައިވެއެވެ.
ކޯޓުގައި ފާރިޝް ބުނެފައިވަނީ ޗެކްތަކަށް ފައިސާ ނުލިބޭ ކަމަށް ބުނުމުން، ފައިސާ ދެއްކުމަށް އިތުރު ފުރުސަތަކަށް އެދުނު ކަމަށާއި، އެގޮތުން ފުރަތަމަ 100,000 ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި ޓިކެޓުތަކުގެ ރިޓާން ކެންސަލްކުރުމާ ގުޅިގެން ޗެކްތަކުގައި ހުރި އަދަދަކީ ދައްކަންޖެހޭ އަދަދުތަކެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.
ނަމަވެސް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ސްރީލަންކަން އެއާލައިންސް އާއި ގަތަރު އެއާވޭސްއިން ނަގާފައިވާ 48 މީހުންގެ ޓިކެޓުތަކުގެ ތެރެއިން ރިޓާން ޓިކެޓުތައް ކެންސަލްކުރަން ޖެހުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ކެންސަލޭޝަން ފީއެއް ވެސް އެއާލައިންތަކަށް ދައްކަން ޖެހުނު ކަމަށެވެ. އަދި އެއާލައިންތަކަށް ދައްކަންޖެހޭ ޓިކެޓުގެ އަގު ވެސް ފާރިޝް ދައްކާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ފާރިޝްގެ މައްޗަށް ހުށަހެޅުނު މަކަރާއި ހީލަތް ހެދުމުގެ ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް، ހެކިތަކަށް ރިއާޔަތްކޮށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އެ ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ކޯޓުން ނިންމައި، އޭނާ ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ.