ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ތެރެއިން މިހާތަނަށް 87 ބައިވެރިން ވަނީ ކިޔަވާފައިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ. މިގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބަލައިގެން ކިޔެވުމުގެ ގޮފިން 44 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން 43 ބައިވެރިން ވަނީ ކިޔަވާފައެވެ.
މިމަހުގެ 18 ވަނަ ދުވަހު ފެށުނު މި މުބާރާތުގައި ޖުމުލަ 1036 ބައިވެރިން ވާދަކުރާނެއެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ގޮފީގައި 423 ބައިވެރިންނާއި، އަދި ޙާފިޒުންގެ ގޮފީގައި 31 ޙާފިޒުން ބައިވެރިވާނެއެވެ.
މިއަހަރުގެ މުބާރާތް ކުރިއަށްދަނީ ކިންގް ސަލްމާން މިސްކިތުގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދަނީ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދަނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.
މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ވެސް އެ ވަނަތައް ހޮވާނެއެވެ. މީގެ އިތުރުން މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.