ވ. ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ އިއްޔެ ކެޔޮދުއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ އެންމެ ކުރީކޮޅު 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ފައްޓަވާނެއެވެ. އަދި މިއީ ރަށުގެ ކުރިމަގާ ގުޅިފައިވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށާއި، މި މަޝްރޫޢާއެކު ލޯކަލް ޓުއަރިޒަމްގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަށުގެ ތަރައްޤީއަށް ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްގެ އައު އިމާރާތާއި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހިމެނެއެވެ. “ޞިއްޙީ މަރުކަޒުގައި ލެބޯރެޓަރީއާއި އެހެނިހެން މުހިންމު ފެސިލިޓީ ޤާއިމުކުރާނެ. އަދި ސްކޫލް މަސައްކަތަކީވެސް ރަށުގެ ކުރިމަގަށް ވަރަށް މުހިންމު މަސައްކަތެއް،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ކުރީކޮޅު އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާނެ ކަމަށާއި، ކެޔޮދޫ ސްކޫލްގެ ކަރަންޓު މައްސަލަ ޙައްލުކޮށްދެއްވައި، ކްލާސްރޫމްތަކާއި ސްޓާފް ރޫމްތައް އޭސީ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފުޓުބޯޅަދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢާއި ކުޅިވަރު ފެސިލިޓީތައްވެސް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ކެޔޮދޫގައި މިހާރުވެސް 18 ގެސްޓްހައުސް ހިންގަމުންދާއިރު، ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.