ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް، އެ ބިންތަކުގެ ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް ފެށިފައިވަނީ 3 ސެޕްޓެންބަރު 2025 ވަނަ ދުވަހުއެވެ. އެ މަސައްކަތްތައް ނިމުމާއެކު، މިހާރު ވަނީ ގޯތިތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށިފައެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރާ ގޯތިތައް، އޭގެ ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ، މިވަގުތު ކޮންސްޓްރަކްޝަން ސައިޓުތަކުގެ ގޮތުގައި ބޭނުންކުރަމުންދާ ބިންތައް، އެ މަސައްކަތްތައް ނިމި، ކޮންޓްރެކްޓަރުން އެ ތަންތަން ހުސްކުރުމުން ޙަވާލުކުރެވޭނެ ކަމަށެވެ.
މި މަޝްރޫޢުގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް ދިގު އިންތިޒާރަކަށްފަހު، އަމިއްލަ ބޯހިޔާވަހިކަން ލިބިގެންދާނެއެވެ.