ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި އިންޑިއާ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާގުޅޭ ސަރަޙައްދީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ވިލާ ނޯޓިކާގައި ފެށިއްޖެއެވެ. މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ.
ނޯވޭޖިއަން އޭޖެންސީ ފޯ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެހީގެ ދަށުން ހިންގާ މި ބައްދަލުވުމަކީ އ.ދ.ގެ ޑިވިޝަން ފޯ އޯޝަން އެފެއާޒް އެންޑް ދަ ލޯ އޮފް ދަ ސީ އަދި ދިވެހި ސަރުކާރާ ގުޅިގެން 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެ ހިމެނޭގޮތަށް 12 މެމްބަރު ޤައުމަކުން 47 މަންދޫބުން ބައިވެރިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ދުނިޔޭގެ ކަނޑުތަކުގެ ޤާނޫނާއި ކަނޑުގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ އިޤްތިޞާދުގެ މައްޗަށް އަލިއަޅުވާލައި، 2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، ނޫ އިޤްތިޞާދު ބިނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.
މި ބައްދަލުވުމަށްފަހު، ދިވެހިރާއްޖޭގައި ޔުނައިޓެޑް ނޭޝަންސް ފިޝް ސްޓޮކްސް އެގްރީމެންޓް ތަންފީޛުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ކަމާ ގުޅޭ އިދާރާތަކުގެ އޮފިޝަލުން ތަމްރީނުކުރުމަށްޓަކައި ތިން ދުވަހުގެ ޤައުމީ ވަރކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.