ބޮޑުހިލައިގެ ޝިޕްމަންޓް ލިބުމާއެކު، ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫޢު އަލުން ފެށިގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މިކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވަނީ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ފ. ފީއަލީ ރައްޔިތުންނާއި ރަށުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.
ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކޭނެ ގޮތަށް މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ އެހެން ރަށްރަށުގެ މަސައްކަތްތައްވެސް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފަށައިގެން ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފ. އަތޮޅު މަދަރުސާގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި، ހުއްޓިފައިވާ މަޝްރޫޢުތައް އަވަހަށް ފެށުމާއި، އައިސްޕްލާންޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުން ހިމެނެއެވެ. މި ކަންކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަވަސް ހައްލެއް ހޯދައިދޭނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވާފައިވެއެވެ.
މި ދަތުރުފުޅުގައި ފީއަލީގެ ބަނދަރު އަޕްގްރޭޑްކުރުމާއި، މިސްކިތް އިމާރާތްކުރުމާއި، ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. އަދި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުމާއެކު، ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތްވެސް ރަސްމީކޮށް ފެށިގެން ދިޔައެވެ.