ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިއަދުން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އޮޕަރޭޝަންގެ ދަށުން، ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދައި، އެފަދަ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ބޮޑެތި ރަށްރަށަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. މި ސަރުކާރުން މިހާތަނަށް 178،982 ބިދޭސީންގެ މަޢުލޫމާތު ހޯދައި، 8000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލައިގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށުގެ މައްސަލައަކީވެސް ކުރިން ޙައްލު ނުކުރެވި މޫލާފައިވާ މައްސަލަތަކެކެވެ. އެހެންނަމަވެސް މި ސަރުކާރުން މި މައްސަލަތައް ޙައްލުކުރާނީ މޫނަށް ކަނދުރާއަށް ބެއްލެވުމެއްނެތި، ޖުޑީޝަރީ އާއި ތަންފީޒީ އިދާރާތަކަށް ނުފޫޒު ނުފޯރުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.