ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން އެއް ހާސް ޚަޠީބުން ތަމްރީނުކޮށް ނިމުމުން ޒުވާން ޙާފިޒުންނާއި، އިމާމުންނާއި، ޚަޠީބުންގެ ޤައުމީ ކޮންފަރެންސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް 500 އެއްހާ ޒުވާން ޚަޠީބުން ވަނީ ތަމްރީނުވެފައި ކަމަށާއި، އަންނަ އަހަރު ނިމުމުގެ ކުރިން 1000 ޒުވާނުން ތަމްރީނުކުރުމުގެ ސަރުކާރުގެ އަމާޒު ހާސިލްވާނެ ކަމަށެވެ. އަދި މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާ ދިމާކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަކީ އިސްލާމީ ވުޒާރާގެ އެންމެ މަތިވެރި އެއް ޢަޒުމް،” ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގައި ޒުވާން ވަރުގަދަ، ރިވެތި އަޚުލާޤުން ޒީނަތްތެރިވެފައިވާ އިސްލާމީ ޒަޢާމަތެއް އުފެއްދުމަކީ މިރާއްޖެ އިސްލާމީ ޙަޟާރަތުގެ އަސާސްގެ މަތީގައި ތަރައްޤީވެގެންދާނެ ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މީގެއިތުރުން، ޒުވާން ޚަޠީބުންގެ ފެންވަރު ރަނގަޅުކޮށް ލީޑަރޝިޕް ހުނަރު އަށަގެންނެވުމަށް އިސްލާމިކް ލީޑަރޝިޕް ވޯކްޝޮޕެއް ވެސް ވަނީ ފަށާފައެވެ.
އެއް ހާސް ޒުވާން ޚަޠީބުން ތަމްރީނުކޮށް ނިމުމުން ޤައުމީ ކޮންފަރެންސެއް ބާއްވަން ނިންމައިފި