ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އިއްޔެ މާލެ ސަރަހައްދުގައި ފެށި ހާއްސަ އޮޕަރޭޝަނެއްގައި 24 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ފެށުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފަދަ ބޮޑު އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާ ކަން އިއުލާންކުރައްވާފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޓާސްކްފޯސްއިން ގުރޫޕްތަކަށް ބަހާލައިގެން މާލޭގެ 9 ސަރަހައްދެއްގައެވެ. އަދި މި އޮޕަރޭޝަނުގައި އެ ސަރަހައްދުތައް ބަލައި ފާސްކޮށް، 24 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ. އަދި މި މައްސަލައަކީ މީގެ ކުރިން އުފެދުނު އެއްވެސް ސަރުކާރަކަށް ހައްލުކޮށްދެވިފައިނުވާ މައްސަލައެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ވަކިން ހާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.