ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް 2.0- ޑިޖިޓަލް-ފަސްޓް ނޭޝަން” ތަސައްވުރު ޤާއިމުކުރެއްވުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ކައުންސިލް އުފައްދަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު، މޯލްޑިވްސް 2.0 ގެ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތްތައް ފަހިކޮށްދިނުމަށާއި، އެ މަސައްކަތްތައް ބެލެހެއްޓެވުމަށެވެ. މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
މޯލްޑިވްސް 2.0 އަކީ ރައީސް މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންޤިލާބީ އަދި އިޞްލާޙީ ބަދަލުތަކެއް ގެނައުން ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.
މި އައު ކައުންސިލުގެ މަސައްކަތުން ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެފުށްފެންނަ، ހަލުވި އަދި ރައްކާތެރި ޚިދުމަތްތަކަކަށް ހެދުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން އުންމީދުކުރައްވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.