ވިލިމާލެ ކައިރީ ބޭރު ކަނޑުގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން އެމީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ކާގޯ ބޯޓު “އެމްއެސްވީ ޑައުލާ” އިންނެވެ. އަދި ކަނޑަށް ވެއްޓިފައިވަނީ އިންޑިއާގެ ރައްޔިތެކެވެ.
މި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިންނެވެ. އަދި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 23:35 ހާއިރުގައެވެ.
މި ވަގުތު ސަރަޙައްދުގައި ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.