ތ.ދިޔަމިގިއްޔާއި އެއަތޮޅު މަޑިފުށި އަދި ތ.އުފުރިޔާ ގުޅާލާ ކޯޒްވޭގެ މަސައްކަތް 1 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސް ހާމަކުރެއްވީ ދިޔަމިގިލީ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ބައްދަލުވުމުގައި ކޯޒްވޭ ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ރައީސް ވިދާޅުވީ، ކޯޒްވޭގެ ސަބަބުން ދެ ރަށަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ރަށަށް މިވަގުތު އެންމެ މުހިންމީ ކޯޒްވޭއާއި ހެލްތް ސެންޓަރު އެކްސްޓެންޝަން އަދި ސްކޫލްގެ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްކަމަށް ފާހަގަކުރެއްވިއެވެ.
“ކޯޒްވޭގެ މަސައްކަތް ފެށިގެން މި ދިޔައީ. މި މަސައްކަތް 18 މަސް ދުވަހުގެތެރޭގައި ނިންމާނަން. ހުރިހާ ރައްޔިތުންނަށް މީގެ އުފާ ފާގަތިކަން ލިބޭނެ،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރަށުގެ އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށުގައި މިހާރު ފަށާފައިވާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މަގުތައް ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ.
ރަށުގެ ތަޢުލީމީ ދާއިރާއަށް އަންނާނެ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ދިރާސީ އަހަރަށް 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލެއް އިމާރާތްކޮށް ނިންމާނެ ކަމަށެވެ. އަދި ރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށައި، އަންނަ އަހަރު ނިންމުމަށް ރޭވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.