ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ތަފާތުކަން ދައްކުވައިދޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ދިވެހިންގެ މެހެމާންދާރީގެ އަސާސްތަކަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިގެންފައިވާ އަސާސްތަކެކެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަދި ކޮންމެ މުޖުތަމަޢަކަށް މި ސިނާއަތުގެ ތެރެއިން ފުރުޞަތުތައް ފަހިކޮށްދީ، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުކޮށައިދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރަށްރަށުގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި ތަފާތުކަން ދައްކުވައިދޭ ފަތުރުވެރިކަމުގެ މޮޑެލްއެއް ބިނާކުރުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީ އެކުލެވިގެންވާ މުސްތަޤުބަލަކަށް މުހިންމުކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1980 ވަނަ އަހަރުއެވެ. މި ދުވަހުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ސިނާޢަތުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަކޮށް، މި ސިނާޢަތް ކުރިއެރުވުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށް ބާރުއަޅައި، ފަތުރުވެރިކަމާއި އިޖްތިމާޢީ، ސަޤާފީ، ސިޔާސީ އަދި އިޤްތިސާދީ ކަންކަމާއި އޮންނަ ގުޅުމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.