ރާއްޖޭގެ ހަތަރު އަތޮޅެއްގެ 31 ރަށަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި އަށް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި، މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ. މި މަހުގެ 19 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅުގައި ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާ ގުޅޭ މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރުން، ތަޢުލީމީ، ޞިއްޙީ އަދި ކުޅިވަރުގެ ދާއިރާއާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ފައްޓަވައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކުރެއްވުމާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ.
މި ދަތުރުފުޅުގައި ޖުމްލަ 40 އެއްބަސްވުމެއްގައި ސޮއިކުރެވި، 60 އައު މަޝްރޫޢެއްގެ މަސައްކަތް ފެށިގެން ގޮސްފައިވެއެވެ. މީގެ އިތުރުން 24 މަޝްރޫޢެއް ނިންމައި ހުޅުވާލެވިފައިވެއެވެ. އަދި އޭޓީއެމްގެ ޚިދުމަތް ނެތް ހުރިހާ ރަށެއްގައި އެ ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.