ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ އަދި އެނިޒާމު ޤާއިމުކުރި ޤައުމުތަކުންކަމަށް އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާއްމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން އެކަމަށް ވާގިވެރިވެގެން ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑު ލަދެއްކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށްވެސް ދިރިހުރުމާއި ރައްކާތެރިކަން ކަށަވަރުވުމުގެ ހަމަހަމަ ޙައްޤު ލިބިގެންވާކަން ބަލައިގަންނަން އެޤައުމުތަކުން ދެކޮޅުހަދާކަމަށް ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ އިންސާފާއި އަދާލަތުގެ ކުރިމައްޗަށް އިސްރާއީލު ގެނައުމުގައި އދ.އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވާކަމަށް ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ޤައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖެއިންވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު ބަދަލުކޮށް، ވީޓޯ ކުރުމުގެ ބާރު ވަކި ޤައުމުތަކަށް އޮންނަ ނިޒާމު އުވާލުމަށް ގޮވާލާފައެވެ.