37 ވަނަ ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންނަ މަހުގެ 11 ވަނަ ދުވަހު އޮންނާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކޮށްފިއެވެ.
މި އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އިން 26 އަށެވެ. ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޤުރުއާން މުބާރާތް ކަމަށްވާ މި މުބާރާތުގައި މި އަހަރު ޖުމްލަ 1،036 ބައިވެރިން ރަޖިސްޓްރީ ކުރި ނަމަވެސް، މުބާރާތުގައި ކިޔަވާފައިވަނީ 1،023 ބައިވެރިންނެވެ.
މުބާރާތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި، ހާފިޒުންގެ ބައިގައި 29 ބައިވެރިން ވަނީ ވާދަކޮށްފައެވެ. މީގެ އިތުރުން މުބާރާތުގައި ސްކޫލްތަކާއި، ޤުރުއާން ކުލާސްތަކާއި، އޮފީސްތަކާއި މުވައްސަސާތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ބައިވެރިން ވަނީ ވާދަކޮށްފައެވެ.
މުބާރާތުގެ ކޮންމެ ޢުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާއިރު، މުޅި މުބާރާތުން ވެސް ވަނަތައް ހޮވާނެ ކަމަށް މަރުކަޒުން މަޢުލޫމާތު ދީފައިވެއެވެ.