އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެގޮތުން މުސާރަ ބޮޑުކުރެއްވުމަށް ނިންމެވި 3 ދާއިރާއަކީ މިހާތަނަށް މުސާރަ ބޮޑު ނުވާ ސިވިލް ސަރވިސް، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައެވެ.
ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ އުސޫލުގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސަރވިސް މުވައްޒަފުންނާއި، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން އަންނަ ނޮވެމްބަރު މަހުގެ 1 އިން ފެށިގެން މިބަދަލު ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ކުރައްވަން ނިންމަވާ ޢިއުލާނުކުރައްވާފައިވާކަމެއްކަމަށެވެ. އަދި ކުރިންވެސް ފާހަގަކުރައްވާފައިވާ ފަދައިން މިއަހަރު ތެރޭގައި މުސާރަ ބޮޑުނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މިދައުރުގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މިގޮތުން ސިފައިންނާ ފުލުހުންގެ މުސާރަ މިހާރުވަނީ ބޮޑުކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ކުރިން ދެމުންދިޔަ އެލަވަންސަކީ ރަސްމީ މުސާރާއިގެ ގޮތުގައިވަނީ ހަމަޖައްސަވާފައެވެ.