ރާއްޖެއަށް ގިނަ އަދަދެއްގެ ސިނގިރޭޓާއި ވޭޕް އެތެރެކުރި ކަމުގެ ތުހުމަތުގައި ތިން ބެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހު، ލ. މާބައިދޫ / ސޭޑީކޯނަރގެ ނަޝްވާން މުޙައްމަދު (32 އަހަރު)، ނަޙުޒާން މުޙައްމަދު (25 އަހަރު) އަދި ނަބުހާން މުޙައްމަދު (22 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، 111,880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ވަނީ އެމީހުންގެ އަތުން ފެނިފައެވެ. އަދި މި ތަކެތި ވިއްކުމަށް ބޭނުންކުރާ ސޯޝަލް މީޑިއާ ޗެނަލްތަކާއި މޯބައިލް ފޯނުތައްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުންގެ ތެރެއިން ނަޝްވާން މުޙައްމަދާއި ނަޙުޒާން މުޙައްމަދު ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާއިރު، ނަބުހާން މުޙައްމަދު ތިން ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.