ގައުމީ ޤުރުއާން މުބާރާތުގައި ވާދަކޮށް އެއް ވަނަ ހޯދާ ފަރާތްތަކަށް ފީއެޗްޑީއާ ހަމައަށް ކިޔަވަން ސްކޮލަޝިޕް ދޭން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތަށް ހަދާނެ ކަމަށް މިދިޔަ އަހަރު އިއުލާން ކުރައްވާފައިވާނެ ކަމަށެވެ.
އެގޮތުން މި އަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އާއި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އަދި ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމު ޙާސިލް ކުރުމަށް ސްކޮލަޝިޕް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ ތިން ކެޓަގަރީން އެއް ވަނަ ހޯދާ ދަރިވަރުންނާއި މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ލިބޭ ފަރާތަކަށް ވެސް، ރައީސްގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުވެރި ފިލައެއް ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެންމެ ބޮޑު ހިތްވަރެއް ދޭން ޖެހޭނީ، އަދި އެންމެ ބޮޑު އިނާމްތަކެއް ވެސް ދެވެން ވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް ކަމަށެވެ.