2025 އޮކްޓޯބަރު 3 ވާ ހުކުރު ދުވަހު ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން ބޭއްވުމަށް ރާވާފައިވާ ހަރަކާތުގައި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގޮވާލައިފިއެވެ.
ފުލުހުން ނެރުނު ޕްރެސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ވަނީ ޤާނޫނު ނަންބަރު 2013/1 “ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު” ގައި ބަޔާންކޮށްފައެވެ.
ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް ހިނގާލުން ކުރިއަށް ގެންދިއުމަށާއި، އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށާއި، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.
އަދި މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެކަމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.