ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް އަޒުމަކަށް ވާންވާނީ އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ..
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނޭ ބްރޯޑްކާސްޓިންގގެ ހުރިހާ މަސައްކަތްތަކަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަމެވެ. އަދި ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިންމު ބައިވެރިންގެ ގޮތުގައި ބްރޯޑްކާސްޓަރުން ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ބްރޯޑްކާސްޓިންގގެ ޚިދުމަތް ރަސްމީކޮށް ފެށުނީ 1962 ވަނަ އަހަރުގެ ޑިސެމްބަރު 29 ގައި ރޭޑިއޯގެ ޚިދުމަތާ އެކުގައެވެ. އަދި ޓީވީގެ ޚިދުމަތް ފެށުނީ 1978 ވަނަ އަހަރުގެ މާރިޗު 29 ގައި ޓީވީ މޯލްޑިވްސްގެ ނަމުގައެވެ. މި ދާއިރާ އަމިއްލަ ފަރާތްތަކަށް ހުޅުވާލެވުނީ 2006 ވަނަ އަހަރުއެވެ.
ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.