އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ..
ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން، އެގޮތަށް ޢަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ. ނަމަވެސް އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
އާޓިފިޝަލް ބީޗުގައި ފެށި އެއްވުން ފަހުން ވަނީ ފުލުހުންނާއެކު އެއްބަސްވެފައިވާ ގޮތާ ޚިލާފަށް މަޖީދީމަގަށް ބަދަލުކޮށްފައެވެ. މި ހަރަކާތުގެ ތެރެއިން މިހާތަނަށް 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ފާހަގަކޮށް، މިފަދަ ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ އިންޒާރުދީފައެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އާންމުންނަށް ނަޞޭހަތްތެރިވެފައިވެއެވެ.