އެމްޑީޕީއިން ކުރިއަށްގެންދިޔަ މުޒާހަރާއަކީ ޚިޔާލުފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރަކާތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު އެމްޑީޕީއިން ރޭ ކުރިއަށްގެންދިޔަ މުޒާހަރާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ ސުލްޙަވެރި އިޙްތިޖާޖެއްގެ ނަމުގައި ޤައުމުގެ ސުލްޙަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
“އެތައް ރައްޔިތުންނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑަރޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް،” ނައިބު ރައީސް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ އެމްޑީޕީގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ. އަދި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ ފުލުހުންގެ އޮފިސަރެއްގެ އަތުން ތަކެތި އަތުލުމަކީ ސުލްޙަވެރި ސިޔާސީ އަމަލެއްކަމަށް ނުބެލެވޭނެ ކަމަށެވެ.