ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރައްވާނީ އެ އަތޮޅުގެ 10 ރަށަކަށެވެ. އެގޮތުން ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ އަދި ކުނބުރުދޫއަށް ޒިޔާރަތްކުރައްވާނެއެވެ.
ދަތުރުފުޅުގައި ރައީސް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއާ ގުޅޭ މަޝްވަރާތައް ކުރައްވާނެއެވެ. މީގެއިތުރުން ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޙާލަތު ދެނެގަތުމަށްވެސް މަސައްކަތް ކުރައްވާނެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ޒިޔާރަތްކުރެއްވުމަށް ރައީސް ފައްޓަވާފައިވާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސް މުވައްޒަފުން ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކާއެކު ސީދާ ގުޅުން ބަދަހިކުރެއްވުމެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ އަޑުއެއްސެވުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ.