ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ އޮމަދޫގެ ބިން އިތުރުކުރުމަށް ތިން ފަޅު ދެއްވައިފިއެވެ. މިގޮތުން އޮމަދޫއާ ގުޅިގެން އޮންނަ ކުޑަދޫފަޅާއި، އަރިއަތޮޅު ދެކުނުބުރީ ކޯޑު ނަންބަރު RF1329 އަދި RF1330 ފަޅުތައް ވަނީ އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބީ ވައުދުފުޅެއް ފުއްދުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ އޮމަދޫގައި ފަތުރުވެރިކަން ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކުރުމެވެ.
މި ބަދަލާ ގުޅިގެން، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 އަށްވެސް ވަނީ އިޞްލާޙު ގެނެވިފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި ބަދަލުގެ ސަބަބުން އޮމަދޫގެ ބިމުގެ ސަރަޙައްދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެއެވެ.