ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުޙުމަތުގައި މާލެއިން 4 މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި އަނިޔާއަށް ހުށަހެޅުނު ކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި، 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ.އެތުމާ/މާލެ އަލީ އަޝްރަފް (35އ)، ޕެރިސް/ގދ.ވާދޫ ލުހާން ސަޢީދު (41އ)، ސިލްވަރ ސްޓަރ/ވ.ރަކީދޫ ނާފިއު ރަޝީދު (39އ) އަދި ހ.ފިނިކުރި/މާލެ އިބްރާޙިމް ޝިނާން އަޙުމަދެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން ބުނާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުއެވެ. އެ އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށާއި، ހައްޔަރުކުރެވުނު މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 3 ދުވަހުގެ މުއްދަތަށް ބަންދުކުރުމުގެ އަމުރެއް ނެރެފައިވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.