ކުރިއަށް މިއޮތް 2026 ވަނަ އަހަރުގެ ކުރީކޮޅު އދ. މާމިގިލީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ދިހަ ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މާމިގިލީ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ރައީސް ވިދާޅުވީ، އެރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހުންނަންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. މި ކޮމްޕްލެކްސްއަކީ އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ، އެއްފަހަރާ 1200 މީހުންނަށް ކުޅިވަރު ބަލަން ތިބެވޭވަރުގެ ޖާގައިގެ ތަނަވަސްކަން ލިބިގެންވާ މަރުކަޒަކަށް ވާނެކަމަށް ރައީސް ހާމަކުރެއްވިއެވެ.
“މިފަދަ އާބާދީއެއްގައި ހުންނަންޖެހޭނެ މަރުކަޒެއްގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަން ސްޕޯޓްސް ކޮމްޕްލެކްސްއެއް، އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭ، ސްޕެކްޓޭޓަރުން 1200 މީހުންނަށް ބަލަންތިބެވޭ، މާލޭގެ ގޮތުން ދަންނަވަންޏާ އެހެރަ ސޯޝަލް ސެންޓަރު ކަހަލަ ކޮންސެޕްޓެއް އެއީ،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ދަނީ ކުރިއަށެވެ. މީގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.