މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ “ރައްކާ ރޯޑް ޝޯވ” ގއ. އަތޮޅުގެ 9 ރަށެއްގައި ކުރިއަށް ގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. މި ޕްރޮގްރާމް އެއަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 10 އިން 19 އަށެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި މި ޕްރޮގްރާމްގެ ފުރަތަމަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލީގައެވެ. އެގޮތުން އެރަށުގައި ޓީމް ބިލްޑިންގ ހަރަކާތްތަކާއި، ޓްރެފިކް މޮނީޓަރުންގެ ޕްރޮގްރާމް، ޑްރައިވަރުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ސެޝަންތަކާއި، ފަހިރާސްތާ ޕްރޮގްރާމްގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.
“މި މަގުތައް އަމާންކުރާނަން” މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ޕްރޮގްރާމްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖް ހިމެނޭ ބިލްބޯޑު އިފްތިތާހުކުރުމާއި، ރޯޑް ސޭފްޓީ ހިނގާލުމަކާއި، މަސްރޭހަކާއި، ރޯޑް ސޭފްޓީ ކުއިޒް މުބާރާތްތަކާއި، ވޮލީބޯޅަ މުބާރާތްތަކާއި ބީޗް ފެސްޓިވަލެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ހިންގާ މި ޕްރޮގްރާމަކީ ސަރުކާރުގެ އެކި އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި ވިޔަފާރިތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އޮކްޓޫބަރު 19 ވަނަ ދުވަހު އެޕްރިސިއޭޝަން ޑިނަރއަކުން ނިންމާލުމަށް ވަނީ ހަމަޖެހިފައެވެ.