ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް 27 ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ދެކުނު އަރިއަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި މަހިބަދޫގެ ރައްޔިތުންނާ މުޚާތަބުކުރައްވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މިވަގުތު ރައްޔިތުންގެ މަޖިލީހުގައި 18 ބިލެއްގެ މަސައްކަތް ކުރިއަށްދެއެވެ. އަދި އޮކްޓޯބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް ހުށަހެޅުމަށް ތައްޔާރުކުރަމުންދާ 27 ބިލުގެ ތެރެއިން 12 ބިލަކީ އަލަށް ތަޢާރަފުކުރާ ޤާނޫނުތަކެކެވެ. މީގެ ތެރޭގައި ރިޔާސީ އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްފަހަރާ ބޭއްވުމަށް ހުށަހަޅާ ޤާނޫނު އަސާސީގެ އިސްލާހުވެސް ހިމެނެއެވެ. މި އިސްލާހު ތަންފީޒުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭނެއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ހުށަހެޅޭ 6 ބިލަކީ ކޮރަޕްޝަން ހުއްޓުވުމަށް އަމާޒުކުރެވިފައިވާ ބިލުތަކެކެވެ. މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް ގެނެވޭ އިސްލާހުތައް ހިމެނެއެވެ. ނަމަވެސް، ހަމައެކަނި ޤާނޫނީ އިސްލާހުތަކުން މިކަން ހާސިލެއް ނުވާނެކަމަށާއި، މިކަމުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހުށަހެޅޭ އިސްލާހުތަކުގެ ތެރޭގައި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއި، އެސެޓް ރިކަވަރީ ބިލު، ޖިނާއީ އިޖުރާއަތުގެ ޤާނޫނު، އަދި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ގެނެވޭ އިސްލާހުތައް ހިމެނެއެވެ. މީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނާއި ޤާނޫނުލް އުޤޫބާތަށްވެސް އިސްލާހު ހުށަހެޅޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މި އިސްލާހުތަކުގެ ސަބަބުން ޝަރުޢީ ދާއިރާއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކޮރަޕްޝަން ހުއްޓުވުމުގައި އިތުރު ބާރުވެރިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސް ފާޅުކުރެއްވިއެވެ. އަދި ޝަރުޢީ ކޯޓުތަކަށް އެތަންތަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދަތިނުވާނެ ގޮތަށް ޤާނޫނު އިސްލާހުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.