ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ 10 ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ޒިޔާރަތްކުރެއްވި ރަށްތަކުގެ ތެރޭގައި ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ އަދި ކުނބުރުދޫ ހިމެނެއެވެ.
ދަތުރުފުޅުގައި ރައީސް، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީގެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރައްޔިތުންނާވެސް ސީދާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަޑުއެއްސެވިއެވެ.
މި ދަތުރުފުޅުގައި ގިނަ ރަށްތަކެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފެށުމުގެ އިތުރުން، ޢުމްރާނީ ތަރައްޤީ، ބޯހިޔާވަހިކަން، ތަޢުލީމު، ޞިއްޙަތު އަދި ދުޅަހެޔޮކަމާ ގުޅޭ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވިއެވެ. އަދި އޮކްޓޯބަރު މަހު ތެރޭގައި 27 ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ.
ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އޮކްޓޯބަރު 7 ވަނަ ދުވަހު މަހިބަދޫގައި ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް ފެށުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމެވެ. މިއީ ރައީސް ކުރެއްވި ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވުނު މުހިންމު މަސައްކަތެކެވެ.