އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ހިނގަމުންދާ އަދި ކޮންޓްރެކްޓް ކުރެވިފައިވާ ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންގޮސް ނިންމާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކުނބުރުދޫ ސްކޫލުގައި ރަށު ކައުންސިލާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ކުނބުރުދޫގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢު އަދި ސްކޫލް މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ފާހަގަކުރައްވައި، ކޮންމެ މަޝްރޫޢެއްވެސް ގަވާއިދުން ބަލަހައްޓަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުޢިއްޒު ވަނީ އަތޮޅުގައިވާ ފޮފަޅާގައު ފަޅު ކުނބުރުދޫގެ ބައެއްގެ ގޮތުގައި ހިމެނުމަށް ނިންމަވާފައިވާތީ، އެ ފަޅު ކުނބުރުދޫ ކައުންސިލާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ.
ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު ފެށޭނެކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ. އަދި ބިންހިއްކުމުގެ މަސައްކަތް ނިމުމުގެ ކުރިންވެސް އަންނަ އަހަރު ރަށުގައި ހައުސިންގ މަޝްރޫޢެއް ފެށޭނެކަމަށް އިޢުލާނުކުރެއްވިއެވެ.