ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާއިން ބަލަހައްޓަމުންދާ ދަފްތަރުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 14,790 މީހުން ރަޖިސްޓްރީވެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި 6,193 އަންހެނުންނާއި 8,597 ފިރިހެނުން ހިމެނެއެވެ. އަދި މީގެ ތެރެއިން 18 އަހަރުން ދަށުގެ 4,950 ކުދިން ހިމެނޭއިރު، އެއީ 1,490 އަންހެން ކުދިންނާއި 3,469 ފިރިހެން ކުދިންނެވެ.
އުމުރުފުރާތަކަށް ބަލާއިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ 7,526 މީހުން ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރޭގައި 3,648 އަންހެނުންނާއި 3,878 ފިރިހެނުން ހިމެނެއެވެ. އަދި 65 އަހަރުން މަތީގެ 2,305 މީހުން ވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.
އެންސްޕާއިން ބުނީ މި ދަފްތަރަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ މަޢުލޫމާތު އެއްކުރެވޭ ދަފްތަރެއް ކަމަށެވެ. މި ދަފްތަރުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ އެހީތެރިކަން ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމެވެ.