ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނަށް ހުޅުވާލައިގެން ބާއްވާ މި އަހަރުގެ ކޮންފަރެންސް މިއަދު ކްރޮސްރޯޑްސްގައި ފަށައިފިއެވެ. މި ކޮންފަރެންސް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި 210 ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި މި ފަހަރުގެ ކޮންފަރެންސް ބާއްވަނީ ޕޮލިސީ ކަރުދާސްތައް ފޮނުވައި، ފުޅާ ދާއިރާއެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުން މަޝްވަރާކޮށް، އެ ބޭފުޅުންގެ ހުށަހެޅުންތަކާ އެކުގައެވެ. މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ ޓީޗަރުންގެ ބައިވެރިވުމެއް ނެތިއެވެ.
މިނިސްޓަރު އިސްމާއިލް ވިދާޅުވި ގޮތުގައި މި ކޮންފަރެންސްގައި ކްލާސްރޫމުގައި ކިޔަވައިދިނުމަށް ހުރި ދަތިތަކާއި، ކޮމިޔުނިޓީ ފެންވަރުގައި ދިމާވާ މައްސަލަތަކާއި، މަންހަޖު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވޭނެއެވެ.
އަދި މި މަޝްވަރާތަކުގެ އަލީގައި ތައުލީމީ ދާއިރާއަށް ރަނގަޅު ޓީޗަރުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ މެދު މަޝްވަރާކޮށް، ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.