ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތްތާ 15 އަހަރަށްފަހު، ކްރޮސް ރޯޑްސްގައި ކޭމްޕް ސަރަހައްދެއް މިއަދު ހުޅުވައިފިއެވެ. މި ކޭމްޕް ސަރަހައްދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޑްރީމް އައިލެންޑް ޓޫ ލިމިޓެޑް ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ މި ސަރަހައްދަކީ 3 ހެކްޓަރުގެ ބޮޑު ބިމެކެވެ. މި ސަރަހައްދުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ޤާއިމްކޮށްފައިވެއެވެ.
މި ސަރަހައްދު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިއީ ހަމައެކަނި ކޭމްޕްތަކަށް ބޭނުންކުރާނެ ތަނެއް ނޫން ކަމަށާއި، ދަރިވަރުންގެ ދިރާސާތަކާއި އެހެނިހެން ތަޢުލީމީ ހަރަކާތްތަކަށްވެސް މި ސަރަހައްދު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.