އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތްތަކުން ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް، އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ހުޅުމާލޭގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިޢުލާންކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ފްލެޓްތަކުގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްތައް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރުމަށް މީސްމީޑިއާގެ ބައެއް ޕޭޖްތަކުގައި އިޝްތިހާރުކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަނެވެ. އަދި މިފަދަ ތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށް ނުވަތަ އެހެން ބޭނުމަކަށް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫނެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދެއެވެ. މިއީ ނިކަމެތިންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތައް ވެސް މިހާރު ދަނީ ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންނެވެ. ހިޔާގެ ކުއްޔަށް މެއިންޓެނަންސްއާއެކު މިހާރު ދައްކަންޖެހޭ މިންވަރު 4,984 ރުފިޔާއަށް ކުޑަކޮށްފައިވާއިރު، އެތަންތަން 15,000 ރުފިޔާއާއި 18,000 ރުފިޔާއަށް ވެސް ކުއްޔަށް ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ.