ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔެވުންފަދަ ރީތި އާދަތައް ދިވެހި މުޖުތަމައުގައި އިއާދަކުރަންޖެހިފައިވާ ކަމަށާއި އެފަދަ ކަންކަމަށް ވަގުތު ހުސްކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، ކުރީގައި ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަތައް އަނބުރާ ގެންނަން މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ. މިގޮތުން މަޣްރިބު ނަމާދާއި އިޝާ ނަމާދާ ދޭތެރޭ، ނުވަތަ “ދެ ނަމާދު ދޭތެރޭ” ގުރުއާން ކިޔެވުމަކީ އޭރު އާންމު ކަމެއްގެ ގޮތުގައި އޮތް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަދު އެންމެން ވެސް އުޅެނީ އެކި މަސައްކަތްތަކުގައި އަވަދިނެތި އުޅެންޖެހޭ، ވަގުތު ހުސްކުރަން ދަތި ދިރިއުޅުމެއްގައި ކަމަށާއި، އެހެންނަމަވެސް ވަގުތު ނެތް ކަމަށް ބުނެ އިސްލާމްދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ނުކޮށް ދޫކޮށްލައިފިނަމަ މުޖުތަމައުގައި ހަމަޖެހުން ނޯންނާނެއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ފަލާޙާއި ކާމިޔާބު ދެ ދުނިޔޭގައި ވެސް ލިބެން އޮތީ ގުރުއާނުގައިވާ ކަންކަމަށް ތަބާވެގެން ކަމަށާއި، ރީތިކޮށް ގުރުއާން ކިޔެވުމަކީ ފަޚުރުވެރިވާ ފަދަ ކަމަކަށް ހަދަންޖެހެއެވެ.