ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ފާޠިމަތު ޝާޔާ ޒާހިރާއި ޢައިޝަތު ޝަބާ އަދި އަޙްމަދު ޝައިމް ރިޒާ އަށް ލިބިއްޖެއެވެ.
އެގޮތުން ޙާފިޡުންގެ ގޮފިން އެއްވަނަ ހާސިލުކުރީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ފާޠިމަތު ޝާޔާ ޒާހިރެވެ. ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ ށ. އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޢާއިޝަތު ޝަބާއެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ ލ. އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް ރިޟާއެވެ.
މި މުބާރާތުގެ ޝަރަފުވެރި ވަނަތަކަށް ދިޔަ ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ވަޒީރުންނެވެ. މުޅި މުބާރާތުން އެއްވަނަ މުއައްސަސާގެ ގޮތުގައި ހޮވުނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ.
މިއަހަރުގެ މުބާރާތުގެ ރަންވަނަތަކަށް ދެވުނު އިނާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، 100,000 ރުފިޔާގެ ފައިސާގެ އިނާމާއި، ޕީ.އެޗް.ޑީ ސްކޮލަރޝިޕް ހިމެނެއެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ދޭ 75,000 ރުފިޔާގެ އިނާމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވި ޢުމްރާ ދަތުރުވެސް ހިމެނެއެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބޭއްވުނު މި މުބާރާތުގެ ފެންވަރު މަތިކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އިނާމު ދިނުމުގެ ޖަލްސާގައި އެކި ޢުމުރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ބައިވެރިންނަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ އަދި ޝަރަފުގެ ފިލާވެސް ވަނީ ޙަވާލުކޮށްފައެވެ.