އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ކުއްޔަށްދޭ މައްސަލަ ޤާނޫނީ އިމުގެ ތެރެއިން ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަނީ ބޮޑެތި ލޯނުތައް ނަގައިގެން ކަމަށާއި، ފްލެޓްތަކުން ލިބޭ ކުއްޔަކީ މި ލޯނުތައް އަނބުރާ ދެއްކުމަށް މުހިންމު އާމްދަނީއެކެވެ.
ހިޔާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައް ލޭބަރ ކުއާޓާސްގެ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލައެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފްލެޓްތަކަށް ޤަވާއިދުން ކުލި ނުދެއްކުމާއި، އެއްބަސްވުމާ ޚިލާފަށް ބޮޑު އަގުގައި ކުއްޔަށް ދިނުމުގެ ސަބަބުން ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށާއި، މިކަން ހުއްޓުވުމަށް ޤާނޫނީ ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.