ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްނަގައިގެން އެކުލަވާލާފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށުމަށް އެއްބަސްވުމަކާ ހަމައަށް އާދެވުމާ ގުޅިގެން އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
މި އެއްބަސްވުމަކީ ދާއިމީ ހަމަޖެހުމެއް ގެނެސްދީ، ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން ކެނޑިނޭޅި ތަހައްމަލު ކުރަމުންދިޔަ ވޭނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ބުނެފައިވެއެވެ. އަދި މި އެއްބަސްވުމަށް އިސްރާއީލުން ފުރިހަމައަށް އިހުތިރާމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފައިވެއެވެ.
ދިވެހި ސަރުކާރުން ފާހަގަކުރި ގޮތުގައި އިސްރާއީލުންވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ސުލްހަ ގާއިމުކުރުމަށް ވެފައިވާ އެއްބަސްވުންތަކާ ހިލާފުވެފައެވެ. އަދި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލާފައިވާ އިސްރާއީލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭކަމަށްވެސް ދިވެހި ސަރުކާރުން ދެކޭކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން، 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރެވިގެން މެނުވީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ނުލިބޭނެ ކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ.