ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަޑައިގަންނަވާނީ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފީވައް، ބިލެއްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށެވެ. މި ދަތުރުފުޅުގައި ރައީސް އެ ރަށްރަށުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން އިތުރަށް ބުނިގޮތުގައި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ކަންބޮޑުވުންތަކާއި ހާލަތު ބައްލަވާލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. އަދުިމި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އަތޮޅު، ރަށު އަދި ސިޓީ ކައުންސިލްތަކާ ސީދާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.