ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބްރާންޗެއް ށ. ކަނޑިތީމުގައި ހަދަން މިއަދު ބިންގާ އަޅައިފިއެވެ. މި ބްރާންޗުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވައި ދެއްވީ ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި، ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް އަދި ރަށު ކައުންސިލްގެ ރައީސެވެ.
ކަނޑިތީމުގައި ވެސް މިއަދު ވަނީ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފައެވެ. މިއީ ބީއެމްއެލްއިން ރާއްޖޭގެ ރަށްރަށުގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.
އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު މި މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ޤައުމީ ބޭންކުން ބުނެފައިވެއެވެ.