މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން 3 ބައްޔެއް ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ވެފައިވާކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އިޢުލާނުކޮށްފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިއްޙީ އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ގައިން ގަޔަށް އަރާ އެކި ބަލިތަކާ ދެކޮޅަށް ރާއްޖޭގެ ސިއްޙީ ދާއިރާއިން އަންނަނީ ޑަބްލިއުއެޗްއޯއާއެކު މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މީގެކުރިން ރާއްޖެއިންވަނީ އެޗްއައިވީއާއި ސިފިލިސްބަލި ނައްތާލާފައެވެ. އަދި މިހާރު ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް މި ތިން ބަލި އެއްކޮށް ނައްތާލެވުނު ފުރަތަމަ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ރެކޯޑު ކުރެވިފައެވެ.
މި ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިއީ ތާރީޚީ ދުވަހެއް ކަމަށާއި، އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ނައްތާލެވުނު ފުރަތަމަ ޤައުމަކަށް ރާއްޖެވުމަކީ ސިއްޙީ ދާއިރާއިން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި ބަލިތައް ނައްތާލުމަށް މަސައްކަތްކުރެއްވި އެންމެހާ ސިއްޙީ އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގައިން ގަޔަށް އަރާ އެކި ބަލިތަކާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިންވަނީ މެލޭރިއާ، ހިމަބިހި އަދި ލިންފެޓިކް ފައިލޭރިއާސިސް ފަދަ ނުރައްކާތެރި ބަލިތައްވެސް ނައްތާލާފައެވެ. މި ބަލިތަކާ ދެކޮޅަށް ކާމިޔާބު ވެކްސިން ކެމްޕޭނެއް މިހާރުވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.