ރާއްޖެ ހިމެނޭ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކަނޑު ގަދަވުމުގެ ފުރުސަތު އޮތުމުން އެކަމަށް ހާއްސަ ސަމާލުކަމަެއް ދީ ރައްކާތެރިވެ ތިބުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއި ހަވާލާދީ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ މި ދުވަސްވަރު ޚާއްސަކޮށް ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަވުމުގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް އެ އޮފީހުން ލަފާކޮށްފައިވާކަމަށެވެ.
މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި މޫސުމުގެ ނޭދެވޭ އަސަރު އޮކްޓޯބަރު 13 އިން 17 އާ ހަމައަށް ކުރާނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ، އަމިއްލަ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ އޮފީހުންނާއި ފުލުހުންވެސް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމާ ގުޅިގެން، ކަނޑުދަތުރުކުރާ ފަރާތްތަކާއި، ފެރީ އޮޕަރޭޓަރުންނާއި، ދަތުރުވެރިން، ވަޔާއި ކަނޑު ގަދަ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް ފުލުހުން ވަނީ ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީންކުރުމަށްވެސް އެދިފައިވެއެވެ.
މި ހާލަތާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައެވެ. އަދި ކުއްލި ހާލަތެއް ކުރިމަތިވެ ނުވަތަ ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ، 911 އަށް ގުޅުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.
އަދި އުދައިގެ އަސަރު ކުރާ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، މޫސުމާބެހޭ އިންޒާރުތަކަށް ސަމާލުވެ، ކަމާބެހޭ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް އަމަލުކުރުމަށް އެދިފައިވެއެވެ.