އޮޑިޓަރ ޖެނެރަލް އޮފީހަށް 2024 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބަޖެޓު ފާސްކުކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާގުންނެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ހުށަހެޅުއްވި ބަޖެޓުގައި ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް 92.7 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ ގޮތުގައި 41.5 މިލިއަން ރުފިޔާ ހިމެނެއެވެ. މިއީ މި އަހަރުގެ ބަޖެޓާ އަޅާބަލާއިރު 20 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، ބަޖެޓު އިތުރުކުރަން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނެގުމާއި، މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކުރުމާ ގުޅިގެން މުސާރައަށް އައި 9.1 މިލިއަން ރުފިޔާގެ އިތުރުވުން ހިމެނެއެވެ.
މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވިގޮތުގައި މިއީ ރާއްޖޭގެ ތާރީޚުގައިވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓެވެ. އަދި އޮޑިޓް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.