އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާ ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވާ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މި ވާހަކަ ވަޒީރު ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، އިނގިރޭސިވިލާތުން މިހާރު ނަގަމުންދާ 20 ޕަސެންޓުގެ ޓެރިފަކީ އެ ގައުމާއެކު ވަކި އެއްބަސްވުމެއް ނެތް ހުރިހާ ގައުމަކަށްވެސް އެއް ހަމައަކުން ނަގަމުންދާ ޓެރިފެކެވެ. އަދި މިއީ ބްރެކްޒިޓްގެ ކުރިން 24 ޕަސެންޓުގައި ހުރި ޓެރިފް ރޭޓް ބަދަލުވެގެން އައި ބަދަލެއް ކަމަށާއި، މިއީ ވަކި ގައުމަކާއެކު ކުރެވުނު މަޝްވަރާއަކާ ގުޅިގެން އައި ބަދަލެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރު އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށާނެ ކަމަށް މެންބަރު މީކާއިލް ވިދާޅުވި ވިދާޅުވުމަކީވެސް ސައްހަ މައުލޫމާތެއް ނޫން ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އެފަދަ ޔަގީންކަމެއް އިނގިރޭސި ސަރުކާރުން ދީފައިވާކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް މިނިސްޓްރީގައި ނެތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަށް އެކި ގައުމުތަކުން ނަގާ ޓެރިފްތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.